ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އިޤްތިޞާދީ ވަޒީރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީގެ އިނާޔަތްތައް ނުދޭނެ ކަމަށެވެ. އަދި ޗައިނާއިން އެތެރެކުރާ ސިނގިރޭޓުންވެސް ޑިއުޓީ ނަގާނީ ރާއްޖެއަށް އެހެން ޤައުމުތަކުން އެތެރެކުރާ ސިނގިރޭޓުން ޑިއުޓީ ނަގާ ރޭޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކަނޑާލެވޭ އިމްޕޯޓު ޑިއުޓީތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށާ ގުޅިގެން މެންބަރުގެ ސުވާލަށް ވަޒީރު ޖަވާބުދެއްވީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީ ބިނާވާނީ އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގަށް ކަމަށާއި އޭގެ ސީދާ އަދަދުތަކެއް އެނގޭނީ މުއާމަލާތްތައް ހިނގާ ނިމުމުން ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި މިފަދަ އެއްބަސްވުންތައް އެކުލަވާލާ އަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ރައްޔިތުންނަށެވެ.