މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) ލަފާ ކޮށްފިއެވެ.
މާދަމާ ހެނދުނު 6:00 އާ ހަމައަށް މޫސުން ލަފާކުރާގޮތް ހާމަކުރަމުން، މެޓުން ފާހަގަކޮށްފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަވެ، ގުގުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ވައިގެ ހާލަތާ ގުޅޭގޮތުން މެޓުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.
މީގެއިތުރުން، ކަނޑުގެ ހާލަތު އާދައިގެ ވަރަކަށް ގަދަވެ، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ. މިހެންވުމާއެކު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިރުޝާދު ދީފައިވެއެވެ.