ރާއްޖޭގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުތެރޭގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރުނީ، މިރޭ 9:45 އިން ފެށިގެން މެންދަމު 2:00 އާ ހަމައަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި އެ ސަރަޙައްދުތަކުގައި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީއެވެ.
އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މި އިދާރާއިން ވަނީ އާދީއްތަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަވާނެކަމަށް ލަފާކޮށްފައެވެ. އަދި މި ކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ ދަންވަރު 1:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. އަދި ދަންވަރު 2:00 ޖެހުމާ ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ.
މެޓް އޮފީހުން ފާހަގަކުރިގޮތުގައި، މި އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.
މިހާރުވެސް ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ހޯމަ ދުވަހު އަލިވާނެކަމަށެވެ.