ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވަމުންދާތީ، މިކަން ހުއްޓާލުމަށާއި 2023 ވަނަ އަހަރުން ފެށިގެން ނުދީވާ އިތުރު ގަޑީގެ ފައިސާ ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި އެ ޔޫނިއަންއިން ފާހަގަކޮށްފައިވަނީ މާލޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތްކުރުވައި، އެ ގަޑީގެ ފައިސާ ހަމައަށް ނުދޭކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޔޫނިއަންއިން ހާމަކޮށްފައިވާ ގޮތުގައި ސިއްހީ ޚިދުމަތް ހޯދާ ފަރާތްތައް އިތުރުވުމުގެ ސަބަބުން ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑިތަކުގައިވެސް މުވައްޒަފުން މަސައްކަތްކުރަން ޖެހެއެވެ. ނަމަވެސް މުވައްޒަފުންގެ އަސާސީ މުސާރައިގެ 10 އިންސައްތައަށްވުރެ އިތުރަށް މަސައްކަތްކުރުވުމަކީ މަސައްކަތްދޭ ސުޕަވައިޒަރުންގެ މައްޗަށް މަނާކަމެއްކަން ޔޫނިއަންއިން ހަނދާންކޮށްދީފައިވެއެވެ.
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ހެދޭ ކޮންމެ ގަވާއިދަކީ ބާޠިލް އެއްޗެއްކަން ފާހަގަކުރަމުން، ޔޫނިއަންއިން ވަނީ ބުނެފައިވަނީ އެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އިތުރު ގަޑީގެ ފައިސާ ނުލިބޭގޮތަށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
ޔޫނިއަންއިން ބުނެފައިވާ ގޮތުގައި ގަވާއިދާ އެއްގޮތަށް ޢަމަލުކުރާނަމަ މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައަށްވުރެ އިތުރަށް ސިއްހީ މަސައްކަތްތެރިން މަސައްކަތްކުރަން ނުޖެހޭނެއެވެ. އަދި އެގޮތަށް މަސައްކަތް ކުރުވާނަމަ އެއީ "އުޖޫރަ ނުދީ މަޖުބޫރުން މަސައްކަތްކުރުވުން" ކަމަށްވެސް އެ ޔޫނިއަންއިން ޤަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް 2023 ވަނަ އަހަރުގެ ޖޫން 8 ވަނަ ދުވަހު ފޮނުވި އީމެއިލަށް ދިން ޖަވާބުގައި، އޯޓީ ފައިސާ ނުދީ މަސައްކަތްކުރުވުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމާއި، އޯޓީ ނުދީ މަސައްކަތްކުރުވާ ފަރާތްތައް އެ އޮތޯރިޓީއަށް ހުށަހެޅުމަށް އަންގާފައިވާކަން ޔޫނިއަންއިން ފާހަގަކޮށްފައިވެއެވެ.
ސިއްހީ ޚިދުމަތަކީ 24 ގަޑިއިރު ދޭންޖެހޭ މަސައްކަތެއްކަން ފާހަގަކުރަމުން، އެ ފަރާތްތަކުން ލައްވާ އިތުރު ގަޑީގައި މަސައްކަތްކުރުވާނަމަ ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތަށް އިތުރު ގަޑީގެ ފައިސާ ދިނުމަށާއި 2023 ވަނަ އަހަރުގެ މޭ 1 އިން ފެށިގެން ހިނގާދިޔަ މުއްދަތުގައި އެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ފައިސާ ދިނުމަށްވެސް ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.