މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓޯރޭޖް ކެޕޭސިޓީ 5100 ޓީއީޔޫއަށް އިތުރުކުރެވިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރޯދައަށް ތައްޔާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އިލްޔާސް މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު ފެށުނުއިރު ކުންފުނީގެ ސްޓޯރޭޖް ކެޕޭސިޓީ 3600 ޓީއީޔޫ ކަމަށާއި، މިއީ އެ ދުވަސްވަރު ކުރިމަތިވި އެންމެ ބޮޑު ޗެލެންޖް ކަމުގައެވެ.
އިލްޔާސް ދެއްކެވި ވާހަކައިގައި މިހާރު އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ 5100 ޓީއީޔޫއަށް އިތުރުކުރެވިފައިވާ ކަމަށާއި، މިއީ މިހާތަނަށް ކުންފުންޏަށް ލިބިފައިނުވާ ވަރުގެ ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންގެ މަސައްކަތުން މިހާރު 5،100 ޓީއީޔޫ ގާއިމުކުރެވިފައިވޭ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއޮތް ހުރިހާ ދުވަހަކު ނުވާވަރުގެ ވަރަށް ބޮޑު ކުރިއެރުމެއް އެ ލިބުނީ" އިލްޔާސް ވިދާޅުވިއެވެ.
ރޯދަމަހަށް ޚާއްޞަކޮށް ތައްޔާރުވުމުގެ ގޮތުން އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އިލްޔާސް ހާމަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ފާހަގަކޮށްލެއްވީ، މިހާރު ކުންފުނިން ބޭނުންކުރަމުންދާ ގުދަން ރޯދަމަހަށް ގެންނަ ޕެރިޝަބަލް ކާގޯއަށް ޚާއްޞަކުރެވިފައިވާ ކަމުގައެވެ. އަދި އެހެނިހެން މުދާ ހުޅުމާލެއަށް ބަދަލުކޮށް، އެތަނުން މުދާ ކްލިއަރކުރެވޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، ޔާޑު ސަރަހައްދުގައި އިތުރު ގޭޓެއް ހުޅުވައި، އެތަނުން ވެސް މުދާ ކްލިއަރކުރެވޭނެ ގޮތް ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރޯދަމަހަށް ޚާއްޞަކޮށް އެމްޕީއެލްއަށް މުވައްޒަފުން ވެސް އިތުރުކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކުންފުނި މި ރޯދަމަހަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.