ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު އިތުރު ފީޗަރތަކާއި ކުޅިވަރުތަކާއި ތަންތަން އިތުރުކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މާލޭގެ ސަލްޓަން ޕާކުގެ ޙާލަތަށް ބައްލަވާލައްވާ ވިދާޅުވީ، މިތަނުގެ ޙާލަތުވެސް ހުރީ ޢިއްޒުއްދީން ފާލަން ބަންދުކުރެވުނުއިރު ހުރި ފެންވަރުގައިކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި އޭނާ މޭޔަރުކަމުގައި ހުންނެވިއިރުވެސް ކަންތައްތައް ކުރަން ބޭނުންވިވަރަށް ނުކުރެވި، އަދި އޭގެފަހުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އެއްގޮތަކަށްވެސް ނުބެލެހެއްޓި ދިޔަ ތަނެއްގެ ގޮތުގައި ސަލްޓަން ޕާކު ފާހަގަކުރެއްވިއެވެ. މިހާރު ސަރުކާރުން އެތަން ތަރައްޤީކުރުމަށް ހަވާލުވެފައިވާކަމަށާއި، ޢިއްޒުއްދީން ފާލަމުން ފެންނަ ރަމްޒު ނުވަތަ މިއިން ދޭހަކޮށްދޭ މެސެޖް، ކުރީގެ "ރަސްރަނި ބަގީޗާ" އަލުން ތަރައްޤީވެގެން އަންނައިރު ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ސަލްޓަން ޕާކު ތަރައްޤީކުރެވޭނީ ޢިއްޒުއްދީން ފާލަމެކޭ އެއްފަދައިން ދިވެހިންގެ އައިޑެންޓިޓީ ދައްކައިދޭ ގޮތަށް، ބަވަނަވެފައިވާ ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޅަދަރިންނާއި ޒުވާނުންގެ ހިތްހަމަޖެހޭ ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގެ ތާރީޚު އެތަނުން ދަސްވާނެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކުޑަކުދިންނާއި ޢާއިލާތަކަށް ހިތްގައިމުކަމާއެކު ވަގުތު ހޭދަކުރެވޭނެ ތަފާތު ފީޗަރސްތައް އިތުރުކުރެވި، ބޯލިންގ އެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަން އިތުރުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ސަލްޓަން ޕާކު ތަރައްޤީކުރުމަށްފަހު، މިސަރަޙައްދަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމަށް ބޭނުންހިފޭނެ، އެންމެ ގިނަ ކަންކަން ހިމެނޭ، އެންމެބޮޑު ސަރަޙައްދަކަށް ހެދުމަކީ ސަރުކާރުގެ ވިސްނުމެވެ.