މި ވެރިކަމުގެ ދައުރު ނިމޭއިރު މާލޭގައި ދިރިއުޅޭ 18 އަހަރު ފުރިފައިވާ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަލިއަޅުވާލެއްވިއެވެ.
ސަރުކާރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ވެސް ހައުސިންގ ޔުނިޓުތަކެއް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން ރަސްމާލޭގައި ވެސް ހައުސިންގ ޔުނިޓުތައް އެޅުމަށް ނިންމާފައިވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅާއެވެ. ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެންދެން ވެސް ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހިންގި އެންމެ ބޮޑު ހައުސިންގ މަޝްރޫޢުކަމަށްވާ ހިޔާގެ މަސައްކަތް ވެސް ކުރިއަށް ގެންދެވުނީ އޭރު މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.