ކުރީ ސަރުކާރުން އާންމުކުރި 4000 މީހުންގެ ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ކުރީ ސަރުކާރުން އާންމުކުރި 4000 މީހުންގެ ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ގުޅުންހުރި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 1820 އަށް ވުރެ އިތުރު ނުވާކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ޢާންމުކުރި 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޢާންމުކުރުމުގެ ކުރިން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވިގޮތުގައި، ފްލެޓުތަކުގެ ލިސްޓު ދިރާސާކުރުމުގައި އެންމެ އިސްކަންދެވުނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަޙުޤީޤަށް ރިޢާޔަތްކޮށް 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ގެޒެޓުކުރެވުނު ލިސްޓު ޞައްޙަކުރުމަށެވެ. މި ދިރާސާ ކުރިއަށްގެންދެވުނީ 2022 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ޢާންމުކޮށް ގެޒެޓުކުރެވުނު ގެދޮރުވެރިޔާ އުޞޫލާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމެނިފައިވާ އިރުޝާދުތަކަށް މައިގަނޑު ގޮތެއްގައި ބެލުމަށްފަހުގައިކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުން އިޢުލާންކޮށްފައިވަނީ ތިން ކޮޓަރީގެ ފްލެޓުތަކަށް 76 ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ލިބޭނެކަމަށާއި، އަދި އިތުރަށް ބާކީވާ ތިން ކޮޓަރީގެ ފްލެޓުތައް ގުރުއަތުލުމުގެ ތެރެއިން ދޫކުރެވޭނެކަމަށެވެ. ވަޒީރު ވިދާޅުވިގޮތުން، 75 ޕޮއިންޓަށްވުރެ މަތިން ލިބި ފްލެޓު ލިބޭނެކަމަށް އެ ލިސްޓުގައި ހިމެނިފައިވަނީ 3721 ފަރާތްކަމަށާއި، ނަމަވެސް ތިން ކޮޓަރީގެ ގޮތުގައި ޢިމާރާތްކުރެވެމުންދަނީ 2750 ފްލެޓުކަން ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން ދެ ކޮޓަރީގެ ފްލެޓުތަކަށް 73 ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ލިބޭނެކަމަށް އިޢުލާންކުރެވުނެވެ. މި މިންވަރަށް ޕޮއިންޓު ލިބިފައިވާ 1218 ފަރާތެއް ލިސްޓުގައި ހިމެނިފައިވެއެވެ. ނަމަވެސް ޢިމާރާތްކުރެވެމުންދަނީ ދެ ކޮޓަރީގެ 1250 ފްލެޓެވެ. އެހެންކަމުން ދިރާސާކުރެވުނު ލިސްޓުގައި ޖުމުލަ 4930 ފަރާތެއް ހިމެނިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ލިސްޓު ދިރާސާކުރުމުގެ މަރުޙަލާ ނިމުމަށްފަހު ނަތީޖާއަށް ބަލާއިރު، ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 ފަރާތަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައިވާ 1218 ފަރާތުގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓު ލިބިފައިވަނީ 397 ފަރާތަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ