ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން، މަޖިލިހުގައި ހިމެނޭ ބާރުގަދަ ދެ ކޮމިޓީން ވަކިކޮށް މަޖިލިހުގެ އެހެން ދެ ކޮމިޓީއަކަށް ބަދަލުކުރުމަށް ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވާފައެވެ. މިކަމަށް ގޮވާލާފައިވަނީ އަޒާންއާއި ޕީއެންސީގެ މެމްބަރުންނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި، އޭނާ ސުޕްރިމް ކޯޓުގެ ބެންޗު ބަދަލުކުރަން ފާސްކުރި ބިލަށް ވޯޓު ނުދިމާއި ގުޅިގެންނެވެ.
އޭނާއާއި ޕީއެންސީގެ ލީޑަރޝިޕާ ހިޔާލު ތަފާތުވުންތައް ބޮޑުވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން 5އަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކިކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް އަޒާން ވާހަކަ ދައްކަވަން ފެށްޓެވުމުންނެވެ. އަޒާން ވަނީ މި ބިލާ ގުޅިގެން ނެގުނު ދެ ވޯޓެއްގައިވެސް ބައިވެރިނުވެ، ޕާޓީގެ ތްރީލައިން ވިޕާ ހިލާފުވެފައެވެ.
މިހެންވުމާއެކު، އަޒާންއާ މެދު ފިޔަވަޅު އަޅަންޖެހޭކަމަށް ޕީއެންސީގެ ގިނަ މެމްބަރުން ގަބޫލުކުރެއެވެ. އަޒާންގެ އަމަލުތަކާމެދު ހިތްހަމަނުޖެހިގެން، ޕާޓީގެ ވަރަށް ގިނަ މަޖިލިސް މެމްބަރުން އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވެސް ހިއްސާކުރައްވާފައިވާކަމަށް އެނގިފައި ވެއެވެ.
މިވަގުތު އަޒާން ހިމެނެނީ މަޖިލިހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީގައެވެ. އެއީ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައެވެ. މި ދެ ކޮމިޓީގައި ސިޔާސީގޮތުން ތަޖުރިބާކާރު ވަރަށް ގިނަ މެމްބަރުން ތިއްބެވެ. އޭގެތެރޭގައި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ ޕީއެންސީގެ ބައެއް މެމްބަރުން ބުނެފައިވަނީ ޕާޓީގެ ލީޑަޝިޕުންނާއި ޕާލަމެންޓްރީ ގްރޫޕުން ނިންމާ ނިންމުންތަކާ ދެކޮޅަށް އަމަލުކުރާ މެމްބަރުނާމެ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެއީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި އަޒާން ބައިވެރިވެފައެއް ނުވެއެވެ. އަދި އިއްޔެ ބިލް ފާސްކުރުމާ މެދުގައި ގޮތެއް ނިންމުމަށް ނެގި ވޯޓުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. ގިނަ ބަޔަކަށް ސަމާލުކަން ލިބުނީ ބިލް ފާސްކުރަން ވޯޓަށް އެހި ގަޑީގައި އަޒާން މަޖިލިހުގެ ތަޅުން ދޫކުރައްވައި ނިކުތުމުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކުރީ ރޯލް ކޯލް ވޯޓަކަށް ގޮސްގެންނެވެ. މި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.
ބިލު ބަލައިގަންނަން ވޯޓު ނުދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީން ބުނެފައި އޮތްއިރު، އަޒާން ވަނީ ޕާޓީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް އިއްޔެ ބޭރުކޮށްފައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުއިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.
އެކަމާ ގުޅިގެން އަޒާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ތާއީދު ނުކުރެއްވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށެވެ. އެ ބިލާ ދެކޮޅުވި ކަމުގައި ވިޔަސް، ސަރުކާރާ އެކީގައި ދެމިހުންނެވި ކަމަށާއި ދާއިރާއަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.