ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ހުޅުދެލީގައި އޭޓީއެމް ޤާއިމްކޮށް، ދ. އަތޮޅަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުރި ފުރަތަމަ އަތޮޅަށް ވެއްޖެއެވެ.
ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުދެލީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.
ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ، ހުޅުދެލީގައި އާ އޭޓީއެމް ގާއިމުކުރެވުމާއެކު ދ. އަތޮޅަކީ ވަކިވަކި ރަށްތަކުން އެކުލެވޭ އަތޮޅުތަކުގެ ތެރެއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހުރި ހަމައެކަނި އަތޮޅު ކަމަށެވެ. މިއީ ބޭންކަށާއި ދ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި މުހިންމު ކާމިޔާބީއެއް ކަމުގައި ޝަރީފު ފާހަގަކުރެއްވިއެވެ.
ދ. އަތޮޅުގައި ޤާއިމުކުރެވިފައިވާ އޭޓީއެމްތަކުން ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުންފަދަ ޚިދުމަތްތައް ލިބިގެންދާނެއެވެ. ބްރާންޗަށް ނުގޮސް ދުވާލުގެ 24 ގަޑިއިރު ބޭންކިންގެ ގިނަ މުޢާމަލާތްތަކެއް ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައެއްގެ ގޮތުގައި ބީއެމްއެލްއިން މިހާރު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، 157 އޭޓީއެމް އަދި އޭޖެންޓު ބޭންކިން ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބޭންކުން ބުނެފައިވެއެވެ. މީގެއިތުރުން، ބީއެމްއެލްއިން އަންނަ މަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.