ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފްލެޓު ލިބޭނެ މީހުންގެ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހު އާއްމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ދެކުނު ނިލަންދެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އާއްމުކުރައްވާ ލިސްޓުގައި ފްލެޓު ލިބޭ ފަރާތްތަކުގެ ނަންތަކުގެ އިތުރުން، ފްލެޓު ނުލިބޭ ފަރާތްތަކަށް ފްލެޓު ނުލިބޭ ސަބަބުތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްދެއްވާނެ ކަމަށެވެ. އަދި ލިސްޓު އާއްމު ކުރެއްވުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޚާއްސަ އިންތިޒާމެއް ވެސް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިން އިއްވަވާފައިވާ ރިޔާސީ ބަޔާނެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބޭނެކަމަށް އިޢުލާނުކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މިހާރުގެ ސަރުކާރަށް ކުރިމަތިވެފައިވާ ނުހަނު ހައްސާސީ މައްސަލައެއް ކަމުގައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓު ލިބޭ ފަރާތްތަކާ ޙަވާލުކުރަމުން ގެންދަވާނެ ކަމަށާއި، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމަވާލެއްވޭނެ ކަމަށެވެ.