ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދ. އަތޮޅުގެ ކުޑަހުވަދޫ، މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެލި ފަދަ ރަށްރަށަށް ވަޑައިގެން ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ގިނަގުނަ މުހިންމު ނިންމެވުންތަކެއް ނިންމަވައި އިޢުލާންކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ކުޑަހުވަދޫގައި އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މާއެނބޫދޫގައި ބިންހިއްކުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިންވެސް އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމާއި ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އަތޮޅުގެ އާންމު ރައްޔިތުންގެ ބޭނުމަށް ދަތުރުކުރެވޭނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖައްސަވާފައިވާކަން މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން އިޢުލާންކުރައްވާފައެވެ. އަދި ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހަށް ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވުމާއެކު، ނިލަންދެއަތޮޅު ދެކުނުބުރި ވަނީ ވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކުރެވުނު ފުރަތަމަ އަތޮޅަށް ވެފައެވެ.
ރައީސް ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވިފަދައިން، މަސައްކަތް ފެށުމަށްފަހު ހުއްޓިފައިހުރި ހުރިހާ މަޝްރޫޢުތަކެއް ފެބްރުއަރީ އަދި މާރިޗު މަހުގެ ތެރޭގައި އަލުން ފައްޓަވާނެކަމަށެވެ.
ދަތުރުފުޅުގައި އަދި ގެދޮރުވެރިކަމާ ގުޅޭ މުހިންމު ނިންމެވުންތަކެއްވެސް އިޢުލާންކުރެއްވިއެވެ. މީގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓު މަޝްރޫޢުގައި އަމިއްލަ ގޯތިގައި ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާއި، މާލޭ ސަރަޙައްދުގެ 4000 ފްލެޓުގެ ލިސްޓުގެ މައްސަލަ ހައްލުކުރައްވައި މި ހަފުތާގެ ތެރޭގައި އިޢުލާންކުރެއްވުން ހިމެނެއެވެ. އަދި ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނެކަމަށާއި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރައްވާނެކަމަށާއި އުތުރު ތިލަފަޅުން ގެދޮރުވެރިކަމަށް 125 ހެކްޓަރ ހިއްކަވާނެކަމަށް ވިދާޅުވިއެވެ. އަދި ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އިޢުލާންކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވަނީ އެމް.އެފް.ޑީ.އޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާރިޗު 15 އިން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގެ ހުރިހާ ބޭހެއް އެޕްރީލް 15 އިން ފެށިގެން އެސް.ޓީ.އޯ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނެކަމަށް އިޢުލާންކުރައްވާފައެވެ. އަދި ރަމަޟާން މަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަލުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.