އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު 3 ބޭފުޅުން އެބަތިއްބެވި

އިހުސާންގެ ވާހަކަތައް ކުށްވެރިކޮށް، އެމްޑީޕީން ގޮވާލީ އިސްތިއުފާއަށް

އިހުސާންގެ ވާހަކަތައް ކުށްވެރިކޮށް، އެމްޑީޕީން ގޮވާލީ އިސްތިއުފާއަށް

ގުޅުންހުރި

ރައްޔިތުން މަޖިލީހަށް ހުށަހެޅުނު ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީ އެމްޑީޕީން އިހުސާން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށް މަޤާމުން އިސްތިއުފާދެއްވުމަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަން އިލެކްޝަންސް ކޮމިޝަންގެ ބަހުންނާއި ޕީއެންސީގެ އަމިއްލަ އިއުތިރާފުން ޝައްކެއްނެތް މިންވަރަށް ހާމަވެފައިވާތީ އަދި މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިހުސާން ކަމަށްވާތީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީއެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުސާން ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރުމުގެ ހުތުރު އަމަލު ހިންގާފައިވާކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް ފޯމު ފުރާއިރު ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ މީހަކު ސޮއިކުރަން އޮންނަނީ އެ ފޯމު އެ މީހެއްގެ ނަމުގައި ފުރާ މީހެއްގެ ހާޒިރުގައި ކަމަށްވާއިރު، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ގެނައި ފޯމުތަކުގައި ހެކިވެރިން ސޮއިކޮށްފައި ނުވާކަމަށް އިހުސާން ވަނީ އެއްބަސްވެވަޑައިގެންފައިވާކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އިހުސާން އިސްވެ ހުންނަވައި ފުރި އެތައް ސަތޭކަ ފޯމެއްގައި ދޮގު ހެކި ދީފައިވާއިރު، އެއީ ޖިނާއީ ކުށެއްކަމަށް ފެނިވަޑައިނުގަންނަވާ ވަޒީރަކު ރާއްޖޭގެ ދާޚިލީ ކަންކަމާއި ތަޙުޤީޤީ އިދާރާތައް ބެލެހެއްޓުމުގެ ޒިންމާތަކާ ޙަވާލުވެ ހުންނެވުމަކީ އެމްޑީޕީ ކަންބޮޑުވާ ކަމެއްކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، ވަގު ފޯމު ފުރުމުގެ ދިފާޢުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ފޮޓޯއެއް މަޖިލީހުގެ ތަޅުމުގައި އިހުސާން ހިއްސާކުރެއްވީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައިކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އެއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ކެމްޕޭނަށް ތައްޔާރުކޮށްފައިވާ ލިސްޓެއްގެ ފޮޓޯއެއްކަމަށްވާއިރު، އެމްޑީޕީއަކީ މި ޕާޓީގެ މެންބަރުންގެ މަޢުލޫމާތު ފުރިހަމައަށް ބަލަހައްޓަމުންދާ ޕާޓީއަކަށްވާތީ ފޮޓޯޖެހި އެތައް ލިސްޓެއް މި ޕާޓީގެ ކެމްޕޭންތަކާއި އެތެރޭގެ އިންތިޚާބުތަކުގައި ބޭނުންކުރާތާ އެތައް އަހަރެއް ވަނީ ފާއިތުވެފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ވާގޮތުން، އެއާ މުޅިން ޚިލާފަށް އިހުސާން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ފޯމު ފުރާފައިވަނީ ސަރުކާރުގެ ވުޒާރާއެއްގެ ތެރޭގައި ހުންނަވައި ރަސްމީ މަސައްކަތު ގަޑީގައި އެތައް ބައެއްގެ މަޢުލޫމާތު ވަގަށް ނަގައި ސޮއި ފޯޖުކޮށްގެންނެވެ. ހަމައެހެންމެ، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ހާޒިރުވެވަޑައިގެން ނެތް، ދިފާޢު ނުވެވޭނެފަދަ ތަނެއްގައި އެފަދަ ތުހުމަތެއް އިހުސާން ކުރެއްވީ އޭނާ ކޮށްގެން ހުންނެވި ޖިނާއީ ކުށް ފޮރުވުމުގެ ބޭނުމުގައިކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލި ނަމަވެސް، މިއަދު މަޖިލީހުގައި އިޢުތިރާފުވެވަޑައިގެންނެވި ކުށްތަކާއި އަދި ދެއްކެވި ޣައިރު ޤާނޫނީ ވާހަކަތަކަކީ އޭނާ އިތުރަށް އެ މަޤާމުގައި ހުންނަން ނުޖެހޭކަން ދަލީލުކޮށްދޭ ކަމެއްކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރަށް މުސާރަ ނުނަންގަވައި ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނަހަމަ ނުފޫޒު ނުފޯރުވައި ވަގުތުން މަޤާމުން އިސްތިޢުފާދިނުމަށް އިހުސާނަށް ގޮވާލަމެވެ" ބަޔާން ނިންމާލަމުން އެމްޑީޕީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ