ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅު މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ހައުސިންގ ޔުނިޓް އެޅުމަށް އިޢުލާންކޮށްފައިވާ ހުރިހާ ރަށެއްގައިވެސް އަމިއްލަ ގޯތީގައި ގެދޮރު އެޅުމުގެ ފުރުޞަތު ލިބިދެވޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް ރަމަޟާން މަސް ނިމުމުގެ ކުރިން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުން އެކަން ސަރުކާރަށް އަންގައިދިނުމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެގޮތަށް އެދޭ ކޮންމެ މީހެއްގެ ގޯތީގައި ގެދޮރު އިމާރާތްކޮށްދިނުމަށް އިސްކަންދެއްވާނެކަމަށާއި، އޭގެފަހުން ވަކި ހައުސިންގ ޔުނިޓްތައް އަޅާނީ އެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސަރަޙައްދުގައިކަމަށެވެ.
"އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ތެރެއިން ހައުސިންގ ޔުނިޓް އަޅަން މި އިޢުލާންކުރި ކޮންމެ ރަށެއްގައިވެސް ކައުންސިލަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ކުރިއަށް މިއޮތް ރަމަޟާން މަސް ނިމުމުގެ ކުރިން އެރަށެއްގެ ރައްޔިތުންގެ ތެރެއިން އެރަށެއްގެ ހައުސިންގ ޔުނިޓް އަޅަން އިޢުލާންކުރި ކޮންމެ ރަށެއްގައި އަމިއްލަ ގޯތީގައި މީގެތެރެއިން ހައުސިންގ ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތައް ކަނޑައަޅައި ދެއްވާށޭ. ކަނޑައަޅުއްވައި ދެއްވާފައި އެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުއްވައި ދެއްވާށޭ. އޭރުން އެފަރާތްތަކުގެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން އަޅުގަނޑުމެން ކޮންމެ ގޯއްޗެއްގައި ތިން ކޮޓަރީގެ ގެއެއް އަޅައިދޭނަމޭ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރެއްވުމަށް ވަޢުދުވެވަޑައިގެންފައިވުމެވެ. ސަރުކާރުން މިހާރުވަނީ މި ހުރިހާ ހައުސިންގ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. މިގޮތުން 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކު ހޯދުމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.