ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިހްސާނަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު އޮތްކަމަށް ފާސްކޮށްފިއެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަޒީރު އިހްސާނަށް އިތުބާރު އޮތްކަމަށް 64 މެންބަރުން ވޯޓުދެއްވިއެވެ. އަދި އިތުބާރު ނެތްކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
އިދިކޮޅު އެމްޑީޕީން 12 މެންބަރުންގެ ސޮއާއެކު އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ފާސްކުރުމަށް 47 ވޯޓު ބޭނުންވެފައިވާއިރު، އެމްޑީޕީން އިހްސާންގެ މައްޗަށް ކުރި ތުހުމަތުތަކުގެ ތެރޭގައި މައިގަނޑު ތިން ކަމެއް ހިމެނެއެވެ.
އެއީ، ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް"އާ ދައުލަތަށް ގެއްލުންވާ ގޮތަށް ހަވާލުކުރުމާއި، ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، އަދި ޑީއެންއާރްގެ ޑާޓާ ސިސްޓަމްގައިވާ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ބޭނުންކުރި މައްސަލައެވެ.
މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި، ވަޒީރު އިހްސާންވަނީ މަޖިލީހުގައި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ.