ކުޑަހުވަދޫގެ ކޮމާޝަލް ބަނދަރެއް ނުވަތަ ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
މި ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްސްއެވެ. އަދި މި ޕޯޓާއެކު ކުޑަހުވަދޫ މުސްތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބަކަށް ވެގެންދާނެކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ. މީގެ އިތުރުން އިގްތިސާދީ ކުރިއެރުންތަކެއް ހޯދުމުގެ މަގު ވެސް ފަހިވެގެންދާނެއެވެ. އެމްޕީއެލުން ވަނީ މި ޕޯޓް ތަރައްގީކުރާއިރު، އެކި ބާވަތުގެ ޚިދުމަތްތައް ދެވޭނެ ގޮތަށް ފަރުމާކުރުމަށް ނިންމާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ބޮންޑަޑް ވެއަރހައުސްއެއް ހަދައި އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަކީވެސް އެކުންފުނީގެ ވިސްނުމެއްކަމަށް ހާމަކޮށްފައިވެއެވެ.
ކުޑަހުވަދޫއަކީ ރައީސް ޑރ. މުޢިއްޒު އާބަން ސެންޓަރުތައް ތަރައްގީކުރުމަށް ކަނޑައަޅުއްވާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ އިތުރުން، އެރަށް އާބަން ސެންޓަރަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މި ދައުރުގައި ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ޕޯޓް ތަރައްގީވުމުން އޭގެ ނަފާއާއި އިގްތިސާދީ ކުރިއެރުން ރައްޔިތުންނަށް ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެއްވައި، ރަށުގައި އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގަވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.