ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ގުޅުންހުރި

ކުޑަހުވަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ރަށުގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ފެށިއްޖެއެވެ. މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ އެ ރަށުގައި ގާއިމުކުރެވުނު ދެވަނަ ބީއެމްއެލް އޭޓީއެމް ހުޅުވުމުގެ ހަފްލާގައެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބު އަދި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވަނީ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. އަދި މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް 24 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމާއި، ނެގުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރުން ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި އައު ބްރާންޗް އިމާރާތް ހުޅުވުމުން ކުޑަހުވަދޫ އަދި އެ ސަރަޙައްދުގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިންގ ސެންޓަރު، 153 އޭޓީއެމް އަދި އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބޭންކުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ