ކުޑަހުވަދޫ ކައުންސިލުން އެދެނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ދިއުން

ކުޑަހުވަދޫ ކައުންސިލުން އެދެނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ދިއުން

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅަކީ ރަށުގެ ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކަށް ޙަޤީޤީ ކުލަޖެހިގެންދިޔަ ދަތުރުފުޅެއްކަމަށް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އަދި އުއްމީދު ކުރަނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ދިއުން ކަމުގައި އެކައުންސިލުން ބުނެފައި ވެއެވެ.

މިހިނގާ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރައްވާ ތިންވަނަ ދަތުރުފުޅުގެ ތެރޭގައި، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ކުޑަހުވަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޤައުމު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގައި ފެށިގެންދާ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއަކާއި، މަސް ފެކްޓްރީއެއް ޤާއިމުކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށާއި، އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތާއި، އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ ކުޑަހުވަދޫ ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ