ދ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް 181 މިލިއަން ރުފިޔާގެ އަގަކަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއި ހަވާލުކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމާއި އާރުޑީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.
މި އިމާރާތުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.
ދ. ކުޑަހުވަދޫގައި ޤާއިމްކުރެވޭ މި އަތޮޅު ހޮސްޕިޓަލަކީ 50 އެނދުގެ ޚިދުމަތް ފޯރުކޮށްދޭނެ ތަނަކަށްވާއިރު، މެމޮގްރަފީ، ޑެންޓަލް އޯޕީޖީ އަދި ކަށީގެ ފަރުވާގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ފެސިލިޓީތަކާއި ޕްރައިވެޓް ރޫމްތައްވެސް ޤާއިމްކުރެވޭނެއެވެ.
ކުޑަހުވަދޫގައި އެއަރޕޯޓެއް ހުރުމާއެކު، އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް އިމަޖެންސީ އީއާރެއް ޤާއިމްކުރެވޭނެއެވެ. މި ހޮސްޕިޓަލް ހުޅުވުމުން ޖާގައިގެ ދަތިކަން ހައްލުވެ، ރަށުގެ އަދި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެއެވެ.
ހަކަތައިގެ ޚަރަދު ކުޑަކުރުމަށް ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރެވޭއިރު، ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަންގެ ޚިދުމަތް ލިބޭނެއެވެ. އަދި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޕަވަރ ބެކަޕް ސިސްޓަމެއްވެސް ޤާއިމްކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ