ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގެ ފުރަތަމަ މަންޒިލުގެ ގޮތުގައި މިއަދު ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ. ކުޑަހުވަދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަދި ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކުރެއްވުންވެސް ހިމެނެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މިހާތަނަށް އެމަނިކުފާނު ވަނީ އެއް ރަށެއްގެ ކައުންސިލް ފިޔަވައި ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.