އެނގިފައިވާ ގޮތުގައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންގެ އިސްލާހީ އަދި ރިހެބިލިޓޭޝަން މަރުކަޒު "ހޯޕް އައިލެންޑް" އެޅުމަށް ކުރިން ހަމަޖެހިފައިވާ ދ. ވާނީގެ ބަދަލުގައި މާލެ ކައިރީގައި އޮންނަ އުތުރު ތިލަފަޅަށް ބަދަލުކުރުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
މި މަޝްރޫއުގެ ކުރެހުން ވަނީ ނިމި، އިޤްތިޞާދީ ކައުންސިލަށް މަޝްރޫއު ފައިނޭންސް ކުރާނެ ގޮތުގެ މޮޑެލް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ކުރިން މަޢުލޫމާތު ދީފައިވެއެވެ. ހޯމް މިނިސްޓްރީގެ އިސް އޮފިޝަލެއް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، ވާނީގައި މި މަރުކަޒު އެޅުމަށްވުރެ އުތުރު ތިލަފަޅަށް ބަދަލުކުރުމުން ހުރިހާ ގޮތަކުން ފަސޭހަވެ، ޚަރަދު ކުޑަވާނެއެވެ. މި ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެފައިވާ ގޮތުގައި، އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރު ފުރުމުން ފުލުހުންގެ ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ކުށްވެރިން ބަންދުކުރުމަށް އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެތަނުގައި ހުރިހާ ބާވަތެއްގެ ދަނޑުވެރިކަން ކުރެވޭނެ މަޝްރޫޢެއް ހިންގުމަށް ސަރުކާރުން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.