މާލޭގެ މަގެއްގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
މި އޮޕަރޭޝަން ހިންގީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އެކުގައެވެ. މިދިޔަ ބުދަ ދުވަހު ހިންގުނު މި އޮޕަރޭޝަންގައި ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
އެހެންނަމަވެސް މަސްތުވާތަކެތި ފެނުނު ސައިކަލު ވަނީ ޓޯކުރެވިފައެވެ. ފުލުހުން މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި އާންމެއް ނުކުރެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ފަހަކަށް އައިސް މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަމެވެ. މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޓެކްސީއަކުން ހައްޔަރުކުރެވުނު އަންހެނެއްގެ އަތުން 14 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.