ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގޭންގުތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ދެހާހަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފިއެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރެވުނު 2،394 އުޅަނދުގެ ތެރެއިން 144 އުޅަނދު ވަނީ ޓޯކުރެވިފައެވެ.
ފުލުހުންގެ އިންސްޕެކްޓަރު ވައްގާސް ޝަރީފް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތަކާއި، ޖިނާއީ ކުށްތައް ކުރުމަށް ބޭނުންކުރާ އުޅަނދުތަކާއި، ވަގަށް ނަގައިގެން އަދި ވަގު ބޯޑު އަޅައިގެން ދުއްވާ ގިނަ އަދަދެއްގެ އުޅަނދުތައް ހިމެނޭ ކަމަށެވެ.
އިންސްޕެކްޓަރު ވައްގާސް އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން ގޭންގުތަކުން އާންމުންނަށް އުނދަގޫވާގޮތަށް އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި 87 ޖޯލިފަދަ ތަކެތި ވަނީ ނަގާފައެވެ. އަދި މީގެ އިތުރުން ވަކި ސަރަހައްދަކީ ވަކި ގޭންގަކަށް ނިސްބަތްވާ ސަރަހައްދެއްކަން ދެއްކުމަށް ޖަހާފައި ހުރި ގްރެފިޓީތައް ވެސް ވަނީ ފޮހެލާފައެވެ. އިންސްޕެކްޓަރު ވައްގާސް ފާހަގަކުރެއްވި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ގޭންގު ހަރަކާތްތައް ހުއްޓުވުމަށާއި މާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށެވެ.