މާފަރު އެއަރޕޯޓުގެ އޭޕްރޮން ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމްޓީސީސީ އާއި މޯލްޑިވިއަން އާ ދެމެދު ވެވުނު އެއްބަސްވުމަކާ އެކުގައެވެ. މި މަސައްކަތުގެ ތެރޭގައި މިހާރު ހުރި 453 އަކަ މީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރުގެ ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، އެތަނުގައި ސަބްބޭސް އަޅައި ވެއަރިން ކޯސްއެއް އެޅުން ހިމެނެއެވެ. މީގެ އިތުރުން 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓް ކުރުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމްކުރުންވެސް ހިމެނެއެވެ.
މިހާތަނަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަންވޭ އޭޕްރަން ސީ އާއި ޑީ، އަދި ޓެކްސީވޭ ސީ އާއި ޑީ ގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ ގާތްގަނޑަކަށް 28 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.