މާލޭގެ ކެފޭތަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ފިލާ އުޅުނު ޒުވާނަކު ދެވަނަ ފަހަރަށް ހައްޔަރު ކޮށްފި

މާލޭގެ ކެފޭތަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ފިލާ އުޅުނު ޒުވާނަކު ދެވަނަ ފަހަރަށް ހައްޔަރު ކޮށްފި

ގުޅުންހުރި

މާލޭގެ ކެފޭތަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ފިލާ އުޅުނު ޒުވާނަކު މިމަހު ދެވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ. އދ. މާމިގިލި، ހަނދުވަރުދޭގެ ޔާޝީން ރަޝީދު (23އ) ހައްޔަރުކުރުމަށްފަހު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ކަނޑައަޅާފައެވެ.

ޔާޝީން މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް ހައްޔަރުކޮށްފައިވަނީ ހަމަ މިފަދަ މައްސަލައެއްގައެވެ. އެފަހަރު އޭނާ ކެފޭއިން ކެއުމަށްފަހު ބިލު ނުދައްކާ ދާން އުޅުމުން، ކްރިމިނަލް ކޯޓުން 10 ދުވަހުގެ ބަންދެއް ޖަހާފައިވެއެވެ. މުއްދަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ، ކެފޭއިން ކެއުމަށްފަހު ބިލަށް ފައިސާ ހޯދުމަށް ބޭބެއަށް ގުޅި ނަމަވެސް، ފަހުން ބޭބެގެ ފޯނު އޮތީ ނިވިފައި ކަމަށެވެ. އަދި ފައިސާ ފޮނުވި ކަމަށް އޭނާ ބުނި ނަމަވެސް، އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކުރި ގޮތުގައި އެ ބިލަށް ފައިސާ ދައްކާފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ޔާޝީން އަނެއްކާވެސް ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވިގެން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އޭނާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ މައްސަލައެއްގައި މިމަހު އެއްފަހަރު ހައްޔަރުކޮށްފައިވާތީ، ކުށް ތަކުރާރުކުރުމުގެ އިހުތިމާލު އޮތް ފަރާތެއްގެ ގޮތުގައި ބެލެވޭތީ، އަދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާތީ، ޔާޝީން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. މިފަހަރުވެސް އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކޯޓުން ވަނީ 10 ދުވަސް ކަނޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ