ސަރުކާރުން ރޯދަ މަހަށް ހާއްސަކޮށް ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ އަންގާފައެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. މި ޚިދުމަތް ލިބިގަތުމަށް މާލޭގައި މާލެ ސިޓީ ކައުންސިލް ތައިސޭކޮށި، އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މާފަންނު މިފްކޯ ގޯތިތެރޭގައި އެކަމަށް ޚާއްސަކޮށްފައިވާ ސަރަހައްދުން ޚިދުމަތް ލިބޭނެއެވެ.
ހުޅުމާލޭގައި ފޭސް އެކެއްގެ އުމަރު ޒާހިރު ބިލްޑިންގ އަދި ފޭސް ދޭއްގެ ހިޔާ ޓަވަރު 10 ގެ ގްރައުންޑް ފްލޯއިން މި ޚިދުމަތް ފޯރުކޮށްދޭނެއެވެ. އަދި ވިލިމާލޭގައި ނަމަ ވިލިމާލެ ސިޓީ ކައުންސިލް އޮފީހުން މި ޚިދުމަތް ލިބޭނެއެވެ.
މަސްދަޅު ކޭސް ދޫކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށްވާއިރު، މި ޚިދުމަތް ހޯދުމަށް އެދި ވަޑައިގަންނަވާއިރު އެ ގޭބީސީއެއްގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމަކާއި އައިޑީ ކާޑު ގެންނަވަން ޖެހޭނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.