ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަން މުހުލަތެއް ދީ، މައުލޫމާތު އަޕްޑޭޓްނުކުރާ ފަރާތްތައް ޑީޕޯޓްކުރަނީ

ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަން މުހުލަތެއް ދީ، މައުލޫމާތު އަޕްޑޭޓްނުކުރާ ފަރާތްތައް ޑީޕޯޓްކުރަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އަޕްޑޭޓްކުރުމަށް ވަކި މުއްދަތެއް ދީފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓްނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް، މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރެވޭނެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ވަނީ ސަރުކާރުގެ ގެޒެޓުގައި ތިން އިއުލާނެއް ޝާއިއުކޮށްފައެވެ. މިގޮތުން ފުރަތަމަ އިއުލާނުގައި ބަޔާންކޮށްފައިވަނީ ބިދޭސީންގެ ބަޔޯމެޓްރިކްސް ޑޭޓާ އަންނަ އޭޕްރީލް 20 ގެ ކުރިން އަޕްޑޭޓްކުރުމަށެވެ. މި މުއްދަތުގެ ތެރޭގައި މައުލޫމާތު އަޕްޑޭޓްނުކުރާ ބިދޭސީން ރާއްޖެއިން ބޭރުކުރެވޭނެކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާރިޗު 1 ގެ ކުރިން ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ދެވަނަ އިއުލާނުގައި އަންގާފައިވެއެވެ. އަދި ރިސޯޓުތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އަންނަ މަހުގެ 15 ގެ ކުރިން އެންސީއައިޓީގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ ކައުންސިލް އިދާރާއަކާ ގުޅިގެން އަޕްޑޭޓްކުރުމަށް އަންގާފައިވެއެވެ.

ތިންވަނަ އިއުލާނުގައި ބަޔާންކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންދާ ބައެއް ޚިދުމަތްތައް، އޭގެ ތެރޭގައި އައު ވާރކް ޕާމިޓް ދޫކުރުން ހިމެނޭގޮތަށް، މެދުކަނޑާލެވޭނެ ކަމަށެވެ. ނަމަވެސް ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މި ފިޔަވަޅުން އިސްތިސްނާވާނެއެވެ.

މިއީ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މި އޮޕަރޭޝަން 2024 މޭ 2 ގައި ފެށިގެން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވި، އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒްކުރެވިފައިވެއެވެ. މިއީ 2018 އިން 2023 އަށް ރެގިއުލަރައިޒްކުރެވުނު 21،425 ބިދޭސީންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހަދާފައިވާ "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް ހުށަހެޅުނު 1297 މައްސަލައިގެ ތެރެއިން މިހާރު ނުނިމި އޮތީ 11 މައްސަލައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *