ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ތެރެއިން ދިވެހި ސަގާފަތް ދިރުވައި އާލާކުރުމަށް ބޮޑުބެރު މުބާރާތެއް ބޭއްވުމަށް ނިންމާއިފިއެވެ.
ދިވެހި ސަގާފަތް އާލާކޮށް، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ބޮޑުބެރަށް އޮންނަ ލޯބި އިތުރުކޮށް، އެކަމުގެ ވާދަވެރިކަން އުފެއްދުމަކީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދު ކަމުގައި ބީސީސީން ވަނީ ފާހަގަކޮށްފައެވެ. މި މުބާރާތުގައި އެކި ގްރޫޕްތަކަށް ބައިވެރިވެވޭނެ އިރު، ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މައުރަޒު ކުރިއަށްދާނީ މެއި 23 އިން 31 އަށް ކަމަށްވާއިރު، 15 ދާއިރާއަކުން ދިވެހީންގެ އުފެއްދުންތެރިކަމުގެ ހުނަރު ދެއްކުމަށް ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ބޮޑުބެރުގެ މުބާރާތަކީ މައުރަޒުގެ މައިގަނޑު އިވެންޓެއްގެ ގޮތުގައި ހިމެނިގެންދާނެއެވެ. މުބާރާތަށް ތައްޔާރުވުމަށް ވަގުތު އޮތްއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ބައިވެރިވުމަށް ބީސީސީން ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގައި ބޮޑުބެރަކީ ވަރަށް މަޤްބޫލު ސަގާފީ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ފާއިތުވި އަހަރުތަކުގައި މި ކަމުގެ މަޤްބޫލުކަން ވަނީ އިތުރަށް ކުރިއަރާފައެވެ. ޚާއްސަކޮށް އަންހެނުންގެ މެދުގައި ބޮޑުބެރަށް ހުރި ޝައުޤުވެރިކަން އިތުރުވެ، އަންހެނުންގެ ބޮޑުބެރު ގްރޫޕްތައް ވެސް ވަނީ އުފެދިފައެވެ.