ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އެއް އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯގެ ކޯހެއް ފަށާފައިވަނީ އިއްޔެއެވެ. މި ކޯހުގައި އަށް މެންބަރަކު ބައިވެރިވެވަޑައިގެންފައިވާއިރު، ކޯހުގެ ފައިސާ ދައްކަނީ ކޮންމެ މެންބަރަކުވެސް އަމިއްލަފުޅަށް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންފުޅުވާތީ، މިފަދަ ކޯހެއް މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވީ ކަމަށެވެ.