ހުސްވި މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑު އަދަދަކަށް އަރައިފިކަން އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން ހުސްވި ޖެނުއަރީ މަހު ޖުމްލަ 214،863 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 192،381 ފަތުރުވެރިންނެވެ.
އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުވާލަކު އެވްރެޖްކޮށް 6،931 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކީ ޖެނުއަރީ 26 ވަނަ ދުވަސް ކަމަށްވާއިރު، އެދުވަހު 9،199 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާއިން 35،948 ފަތުރުވެރިންނާއި، ރަޝިއާއިން 21،835 ފަތުރުވެރިންނާއި، އިޓަލީވިލާތުން 19،766 ފަތުރުވެރިން ހިމެނެއެވެ. މީގެއިތުރުން އިނގިރޭސިވިލާތުން 19،011 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 12،571 ފަތުރުވެރިންނާއި، އިންޑިއާއިން 10،170 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ފްރާންސްއިން 7،324 ފަތުރުވެރިންނާއި، އެމެރިކާއިން 6،563 ފަތުރުވެރިންނާއި، ޕޮލެންޑްއިން 4،592 ފަތުރުވެރިންނާއި، ސައުތު ކޮރެއާއިން 3،622 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 69.6 އިންސައްތަ ފަތުރުވެރިން ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 25.4 އިންސައްތަ ފަތުރުވެރިން ހޭދަކުރަނީ ގެސްޓްހައުސްތަކުގައި ކަމަށްވާއިރު، 2.5 އިންސައްތަ ފަތުރުވެރިން ހޭދަކުރަނީ ހޮޓާތަކުގައެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ 172 ރިސޯޓާއި، 796 ގެސްޓްހައުސްއާއި، 155 ސަފާރީ އުޅަނދާއި، 15 ހޮޓަލެވެ.