ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ދާ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުުގެ ގޮތުން، ޢުމްރާއަށް ދާ ކޮންމެ ފަރާތަކަށް އިތުރު 1500 އެމެރިކާ ޑޮލަރުގެ ލިމިޓެއް ޑެބިޓް ކާޑަށް އިތުރުކޮށްދީފިއެވެ.
މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 10 ވަނަ ދުވަހު އިޢުލާންކުރެއްވި ނިންމެވުމެކެވެ. މި އިތުރުކުރެވޭ ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް މި ލިމިޓް ދޫކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ އަންގަވާފައެވެ.
ޢުމްރާ ގްރޫޕްތަކާއެކު ދަތުރުކުރައްވާ ފަރާތްތަކަށް މި ޚިދުމަތް ފަސޭހަކަމާއެކު ލިބިވަޑައިގަތުމަށްޓަކައި، ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ވަނީ ގްރޫޕްތަކާ ހިއްސާކުރެވިފައެވެ. އެހެންކަމުން، ގްރޫޕްތަކާއެކު ދަތުރުކުރައްވާ ފަރާތްތަކުން އެ ގްރޫޕަކާ ގުޅުއްވުމަށް ބޭންކުން ވަނީ އެދިވަޑައިގެންފައެވެ.
ވަކިން ދަތުރުކުރައްވާ ފަރާތްތަކުން، ފުރުއްވުމުގެ 5 ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ނުހިމަނައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓާއި ޓިކެޓުގެ ކޮޕީ ހުށަހެޅުއްވުމުން، ކާޑު ލިމިޓް ހަމަޖައްސައިދެވޭނެއެވެ.
މީގެއިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ މަހަކު 250 އެމެރިކާ ޑޮލަރުގެ ލިމިޓް ދެމިއޮންނާނެއެވެ. އަދި ހުރިހާ ޢުމްރާވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 އެމެރިކާ ޑޮލަރު ބޭންކުން ވިއްކަވާނެ ކަމަށް ބީއެމްއެލްއިން ވަނީ އަންގަވާފައެވެ.