ޔޫއެސް ޑޮލަރުގެ ހިދުމަތަކީ އައްޑު އާއި އައްޑޫގެ ރައްޔިތުންނާއި ބީއެމްއެލްއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ އައްޑޫ ސިޓީއަކީ ބޭންކުގެ ކާމިޔާބީގެ ދަތުރުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ތަނެއް ކަމަށެވެ.
ޝަރީފު ފާހަގަކުރެއްވި ގޮތުގައި އަތޮޅުތަކުގެ ތެރެއިން ބީއެމްއެލްގެ އެންމެ ފުރަތަމަ ބްރާންޗު ހުޅުވުނީވެސް އައްޑޫގައި ކަމަށެވެ. މިހާރު އައްޑޫ ސިޓީގައި ބީއެމްއެލްގެ ތިން ބްރާންޗާއި، ނުވަ އޭޓީއެމާއި، ކަނެކްޓް ސެންޓަރެއް ޤާއިމުކުރެވިފައިވާއިރު، މާލެ ފިޔަވައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަނީވެސް އައްޑޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫއަށް އުފަން ޝަރީފު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔޫއެސްޑީ އޭޓީއެމްގެ ޚިދުމަތަކީ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޑޮލަރުގެ މުޢާމަލާތްތައް ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ޚިދުމަތެއް ކަމަށާއި، މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދޭނެ ކަމެކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން، ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޭޓީއެމް އަދި ޑޮލަރު އޭޓީއެމް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ.
ބީއެމްއެލްއިން ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލަކީ ގެސްޓްހައުސް ފައިނޭންސިންގއަށް ގެނެސްފައިވާ ބަދަލުކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، އިމާރާތްކުރާ ގެސްޓްހައުސް މޯގޭޖުކުރުމަށްފަހު، އިތުރު ރަހުނަކާ ނުލައި، އެ ޕްރޮޖެކްޓުގެ 70 ޕަސެންޓާ ހަމައަށް ފައިނޭންސިން ހަމަޖެހިގެންދާނެ ކަމަށާއި، މި ބަދަލުތަކުގެ ތެރެއިން ބައެއް ކަންކަން ފަރުމާކޮށްފައިވަނީ އައްޑޫ ސިޓީފަދަ ސަރަޙައްދުތަކަށް ޚާއްޞަކޮށް، ގެދޮރުވެރިކަން އިތުރުކުރުމަށާއި، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.