މާލޭގެ ގޭގެއިން ނައްތާލަން ބޭނުންވާ ބާވެފައިވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް އަހަރަކު ދެފަހަރު ބަލައިގަތުމަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ބުރުގައި މިފަދަ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 28 އަށެވެ.
ކައުންސިލުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ފަލަސްތީން ހިނގުމުގައި ހުންނަ ކައުންސިލް އިދާރާގެ ވޭސްޓް ސެކްޝަނުގައި މިތަކެތި ބަލައިގަތުމަށް ޚާއްސަ މޭޒެއް ބެހެއްޓިފައި ހުންނާނެއެވެ.
އަދި ނައްތާލަން ބޭނުންވާ މިފަދަ ތަކެތި އެސަރަހައްދަށް ގެންގޮސް އެމޭޒުގައި ބެހެއްޓުމަށް ކައުންސިލުން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.