ބީއެމްއެލް އިސްލާމިކް އިން އިއްޔެ ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއްގެ ދަށުން މާލޭގެ މުހިންމު މިސްކިތްތަކެއްގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތަކީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި ބީއެމްއެލްގެ 100 އެއްހާ މުވައްޒަފުން ބައިވެރިވެފައިވާއިރު، މާލޭގެ އެންމެ އާސާރީ އަދި މުހިންމު މިސްކިތްތަކުގެ ތެރެއިން މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުލް ސުލްތާނުލް އާދިލްގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
ބީއެމްއެލްއަކީ މުޖުތަމައުގެ ތަރައްޤީއަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ބޭންކެކެވެ. ޚާއްސަކޮށް ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މިފަދަ އިޖުތިމާއީ ހަރަކާތްތައް ދޭތެރެ ދޭތެރެއިން ހިންގަމުން ގެންދެއެވެ. މިގޮތުން މިދިޔަ އަހަރުވެސް މާލޭގެ މިސްކިތްތަކުގައި ކުލަލުމާއި، މާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.