މާލެ ސިޓީ ކައުންސިލުން، ސަލްޓަން ޕާކް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މި މަސައްކަތާ ގުޅޭ ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ބީލަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ހ. ހުޅުގަލީގެ އެއްވަނަ ފަންގިފިލާގައި ހުންނަ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ސަލްޓަން ޕާކްގެ މިހާރުގެ ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސަލްޓަން ޕާކާއި ރަސްފަންނު ބީޗް ވީރާނާވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި މި ދެތަނަކީ ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭ ދެތަން ކަމަށް ފާހަގަކުރައްވައި، މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސް، ކުރިއަށްވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަންނުކޮޅުގައި ހެދި ރަސްފަންނު ބީޗަކީ ވަރަށް ހިތްގައިމުކޮށް ތަރައްގީކުރެވުނު ތަނެއް ކަމާއި، އެދުވަސްވަރު ސަލްޓަން ޕާކްވެސް ގިނަ ވަސީލަތްތަކާއެކު ތަރައްގީކުރެވުނު ކަމެވެ. މީގެ އިތުރުން، މާލޭގެ ރަސްމީ ފާލަމަކީވެސް އޭރު ރިޔާ ދޯނިތަކެއް ސިފަވާގޮތަށް ހިތްގައިމުކޮށް ތަރައްގީކުރެވުނު ތަނެކެވެ. ނަމަވެސް މިހާރު އެތަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ބޮޑެތި ބަދަލުތަކަކާއެކު އެމްޓީސީސީން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.