މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 68 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއެގެ މިރޭގެ ޕްރެސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް 68 މީހަކު މި ކޭސްގައި ޕޮޒިޓިވް ވެފައިވާކަމަށެވެ. މި ކްލަސްޓާއާއި ގުޅުންހުރި ކޮންޓެކްޓުތައް މިހާރު ދެނެގަނެވި ޓެސްޓު ކުރަމުންދާއިރު، މީގެ ތެރޭގައި ހައިރިސްކް ކެޓަގަރީގެ 71 މީހަކު ތިބިކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް މި ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ތެރެއިން 262 މީހުން ސާމްޕަލް ނަގާފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މި ކްލަސްޓާއާއި ގުޅުންހުރި މީހުންނަށް ފަރުވާދެވި އަމަލު ކުރަންވީ ގޮތްތައް ކޮންމެ ދުވަހަކު ކިޔައިދެމުންދާކަމަށެވެ.
ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ. އެޗްޕީއޭއިން ގެންދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރުވަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ކުރަމުންގެންދާކަމަށް އެ އެޖެންސީން ބުނެއެވެ.
މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.
ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހަފްލާތަކުގައި ބައިވެރިވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ފޯރުކޮށްދިނުމާއި، ކެއުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތަށް އިންތިޒާމުތައް ބެހެއްޓުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.
ކޮމެންޓު ފޮނުވާ