އަހާ" ފޯރަމްގެ އިތުރު ބުރެއް މާދަމާރޭ ބައްވަނީ

އަހާ" ފޯރަމްގެ އިތުރު ބުރެއް މާދަމާރޭ ބައްވަނީ

ގުޅުންހުރި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ އިތުރު ބުރެއް ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމްގެ ތިންވަނަ ބުރު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ކަމަށް ޕަބްލިކް ސާވިސް މީޑިއާ، (ޕީއެސްއެމް) އިން ހާމަކޮށްފައިވެއެވެ.

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ފޯރަމެކެވެ. އަހާގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންގެ ތެރޭގައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިގްތިސާދީ ތަރައްގީއާއި ވިޔަފާރީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އަދި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ މި ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވެއެވެ. ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރީއާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވުމަށް، AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް ފޮނުވަން ޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ