ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ދެ ތަނުގެ ރީތިކަން އަލުން ގެނެސްދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ހަގު ދަރިކަލުންނާއެކު އެ ދެ ތަނަށް ކުރެއްވި ޒިޔާރަތަކަށް ފަހުގައެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މި ދެ ތަނުގެ މެއިންޓަނަންސްއާ މެދު އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އަންނަމުންދާއިރު، "އެކްސް" މެދުވެރިކޮށް ރައީސް މުއިއްޒު ވަނީ މި ދެ ތަން ވީރާނާވަމުންދާ މަންޒަރު ފެނިވަޑައިގަތުމުން ލިބިވަޑައިގަތް ހިތާމަ ފާޅުކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ތޮއްޖެހިފައިވާ މާލޭގައި މި ދެ ތަނަކީ ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭ ދެ ތަނެވެ. އަދި މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އިހަށްވުރެ ރަނގަޅު ފެންވަރަކަށް ގެނެސްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން މާލެއާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ދެއްވިއެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
މި ދެ ތަނަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ތަރައްޤީކުރެވުނު ދެ ތަނެވެ. އޭރު މި މަޝްރޫޢު ކުރިއަށް ގެންދެވުނީ މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ މަޤްޞަދުގައެވެ.
ކޮމެންޓު ފޮނުވާ