މިދިޔަ ޑިސެމްބަރު މަހު ހުޅުމާލެ ރުއްގަނޑު ޕާކު 1 ގައި ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން، ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް އިއްޔެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިފިއެވެ. "ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ" ކަމަށް ބުނެ ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވި މި މުޒާހަރާއާ ގުޅިގެން ދައުވާކުރުމަށް ފޮނުވާފައިވަނީ މއ. ވިރާޙު، މުހައްމަދު ޝާމިން (39)، މއ. ނަހީދީ މަންޒިލް، މިސްބާހު ޝަރީފް (31) އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36) ގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގެ (11) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެވެ.
ޑްރައިވަރސް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒް ވިދާޅުވެފައިވަނީ މި ދައުވާއަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ދައުވާއެއް ނޫން ކަމަށާއި، މިއީ ސަރުކާރުން ޓެކްސީ ޑްރައިވަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދޭ ބޮޑު އަނިޔާއެއް ކަމަށެވެ.
އިހުތިޖާޖުގެ ތެރޭގައި އެއްވެސް މިންވަރަކަށް ފުލުހުންގެ ދައުރަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން، މުޒާހަރާ ނިންމާލުމަށްފަހު ހިނގައިދިޔަ އެއްވެސް ކަމެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަމެއް ނުދައްކާކަން، ފުލުހުންނާއި ޑްރައިވަރުންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވުމުން ސާބިތުވާ ކަމަށާއި، ޓޯކުރި ކާރުތައް ވެސް ޓޯކޮށްފައިވަނީ ފުލުހުންގެ އަމުރަށް ދުއްވާފައި ގޮސް، ފުލުހުން އެންގި ތަނަކަށް ދިޔުމަށްފަހު ކަމުގައި ނިޔާޒް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ