އިނގިރޭސިވިލާތުން ފެނުނު ބަދަލު އައިސްފައިވާ ވައިރަހުގެ ވައްތަރު ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހަރުދަނާކަމާއިއެކު ދެމި ތިބެންޖެހޭކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ މިހާތަނަށް ކޯވިޑްގެ އާ ވޭރިއަންޓް ދުނިޔޭގެ 21 ޤައުމުކަމުން ފެނިފައިވާއިރު، މިބަލި ރާއްޖެއަށް ނާންނާނެކަމަށް ބެލުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ އެކި ޤައުމުތަކުން އެތައް ބަޔަކު ކޮންމެ ދުވަހަކު އަންނަ ޤައުމަކަށްވާއިރު، އެހާފަސޭހައިން ގައިޔަށް އަރާ ބައްޔެއްގައި ރާއްޖެއަށް މިބަލި އައުމަކީ ގާތްކަމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަމުގައި އެޅެން އޮތީ އެއް ފިޔަވަޅު ތަކެއް ކަމަށާއި، ނަމަވެސް މި އާވައިރަސްއަކީ ކުރީގެ ވައިރަހަށްވުރެވެސް ފަސޭހައިން ގައިގަޔަށް އަރާ ވައިރަަހަކަށްވުމުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ނަޒްލާވިދާޅުވިއެވެ. ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ބަލާއިރު، ވަސީލަތްވެސް މަދު ޤައުމަކަށް ވުމުން، ބަލީގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުން ގިނަވެއްޖެނަމަ ކޮންޓްރޯލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން އައު ވައްތަރެއްގެ ވައިރަސް ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފެނުނު ފަހުން މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށްވަނީ އެ ވައިރަހުގެ ސަބަބުން ބަލިޖެހިފައެވެ. ވައިރަހުގެ އައު ބާވަތެއް އެ ޤައުމުގައި ފެތުރެމުން ދަނިކޮށް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި އެ ޤައުމުންވަނީ ދެކުނު އެފުރިކާއިން ފެނުނު ވައިރަހުގެ އައު ބާވަތް އިނގިރޭސިވިލާތުން ފެނުނުކަން ހާމަކޮށްފައެވެ. ވައިރަސް ފެނުނު ދެމީހުންނަކީވެސްއޭގެ ކުރިން ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ ދެމީހުންކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.
މިބަލީގެ ނުރައްކާ އޮތް މިވަރުން އަދި އެއްވެސް ވަރަކަށް ބައްޔާއިމެދު ފަރުވާ ކުޑަ ނުކުރުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހުރިހާ ބޭފުޅުންވެސް މިހާރު ދީފައިވާ ލުއިތަކާއިއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދީފައިވާ ލުއިތަކާއިއެެކު އުޅުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ