ދެ ބިލެއް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާއިފި

ދެ ބިލެއް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާއިފި

ރައްޔިތުންގެ މަޖިލީހުން، ގޭންގު ކުށްތަކާއި ބެހޭ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާއިފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން ހުށަހެޅުއްވި ގޭންގު ކުށްތަކާއި ބެހޭ ބިލުގައި، ގޭންގު ކުށްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށަށް 25 އަހަރާއި 10 މިލިއަން ރުފިޔާގެ އަދަބު ހުށަހަޅާފައިވާއިރު، ގޭންގަކަށް މީހުން ހޯދުމުގެ ކުށަށް 20 އަހަރާއި ހަތް މިލިއަން ރުފިޔާގެ އަދަބު ހުށަހަޅާފައިވެއެވެ. އަދި ގޭންގެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރާއި ތިން މިލިއަން ރުފިޔާގެ އަދަބެއް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ގޭންގު ކުށްތަކަށް އެހީތެރިވުމާއި، ގްރޫޕްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށްވެސް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، އެފަދަ ގްރޫޕްތަކަށް އެހީތެރިވުމުގެ ކުށަށް 10 އަހަރާއި 500,000 ރުފިޔާގެ އަދަބު ކަނޑައަޅާފައިވާއިރު، ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުށަށް 12 އަހަރާއި އެއް މިލިއަން ރުފިޔާގެ އަދަބު ކަނޑައަޅާފައިވެއެވެ. އަދި އެފަދަ ކުށަކަށް އެހީތެރިވުމުގެ ކުށަށް 8 އަހަރާއި 300,000 ރުފިޔާގެ އަދަބު ކަނޑައަޅާފައިވެއެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 20 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

އަދި ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 15 ފެބްރުވަރީ 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ލާމަރުކަޒީ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިން ރޯދަ މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެމްބަރަކަށް، ކޮންމެ އަހަރެއްގެ ރޯދަމަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި މި ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *