ޖަޕާނުގެ އައު ސަފީރު އިޝިގާމީ ރުމީކޯ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރެއްވި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރުމުގައި އަބަދުވެސް ޖަޕާން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ޑރ. ޚަލީލް ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޖަޕާނުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ޚާއްސަކޮށް ކާރިސާތައް މެނޭޖްކުރުމާއި، އުމްރާނީ ތަރައްގީއާއި، ތައުލީމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޖަޕާނުން ދެއްވަމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
ޖަޕާނުގެ ސަފީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދު، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އަދި އެސިސްޓަންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.