މިއަހަރު މިހާތަނަށް 3 ލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް 3 ލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައިން މައްޗަށް ގޮސްފިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 303،447 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 269،588 ފަތުރުވެރިންނެވެ.

މިހާރު އެވްރެޖްކޮށް ދުވާލަކު 7000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތް އަދި ޖަރުމަނުވިލާތުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރާފައިވާއިރު، އޭރުވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *