މާލޭ ސިޓީ ކައުންސިލުން އިޢުލާން ކުރި ރައިވެރިބޭ މައިޒާނާއި މުއިވެޔޮދޮށު މައިޒާން މަރާމާތު ކުރުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އަންގަވާފައިވެއެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، ލޯކަލް އިންވެސްޓްމެންޓްތަކާއި، އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ. މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު އަންދާސީ ހިސާބު ހުށަހަޅަން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަން ވެސް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.