ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނީ ގާނޫނީ ވެރިކަން ދަމަހައްޓައިގެން ކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ މުހިންމު މަސައްކަތްތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް ދިމާވެދާނެ ގޮންޖެހުންތައް އިތުރުވެ، އަވަސް ނިޒާމީ ހައްލެއް ހޯދަން ޖެހިފައިވާކަމަށެވެ.
ޖުޑިޝަލް އަހަރުގެ އިފްތިތާހީ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، އަދުލުވެރި، ހަމަހަމަ އަދި އަހުލުވެރި ނިޒާމެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ދިމާވެފައިވާ ގޮންޖެހުންތަކުގެ ބޮޑުކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަދު ވަސީލަތްތަކާއެކުވެސް ފަނޑިޔާރުންނާއި ޖުޑިޝަރީގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ފުރިހަމަކަން ފާހަގަކުރެއްވިއެވެ.
ޝަރުއީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ކާމިޔާބުވާނީ ވެރިކަން ހިންގުމުގެ ބާރާއި، ރައްޔިތުންގެ މަޖިލިސް، މިނިވަން މުއައްސަސާތައް އަދި އެހެނިހެން އިދާރާތަކުގެ އިސްވެރިން ގުޅިގެން ގާނޫނީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލުތައް އަމަލީ ސިފައެއްގައި ލިބި، އަވަސް ނިޒާމީ ހައްލެއް ލިބޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލުތައް އަމަލީ ސިފައެއްގައި ލިބިގެން ދިޔުން އެއީ އަޅުގަނޑުމެން އުންމީދުކުރާ ކަމެއް. އަވަސް ނިޒާމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން.
އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަދުލުއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެންޖެހޭކަމަށާއި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަމާލުކަން ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އައު ފަލްސަފާތަކާއި ބެސްޓް ޕްރެކްޓިސްތައް ތައާރަފްކުރުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، ޖާގައިގެ ދަތިކަމަށް މި އަހަރުގެ ތެރޭގައި ހައްލެއް ލިބޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ވަކިވަކި ކޯޓުތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި، އެ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.