ފާއިތުވި އަހަރު ކުރިމިނަލް ކޯޓުން ނިންމި މަސްތުވާތަކެއްޗާ ގުޅުންހުރި 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލަ

ފާއިތުވި އަހަރު ކުރިމިނަލް ކޯޓުން ނިންމި މަސްތުވާތަކެއްޗާ ގުޅުންހުރި 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލަ

މިދިޔަ އަހަރުގެ ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު އެ ކޯޓުން ނިންމި މަސްތުވާތަކެތީގެ 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލައެވެ. އަދި މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް 228 މަސްތުވާތަކެތީގެ މައްސަލަ ހުށަހެޅުނު އިރު، މެޖިސްޓްރޭޓް ކޯޓުތަކަށް 305 މައްސަލަ ހުށަހެޅިފައިވެއެވެ. ޝަރުއީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 42 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 198 މީހުންގެ އަދަދު އަހަރު ނިމުނުއިރު 249 އަށް އިތުރުވެފައިވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ 20 ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު 435 އަށް އަރާފައިވެއެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ހާލަތުގައި ބަދަލު ހޯދޭނެ ގޮތެއް މިހާރުގެ ގާނޫނުގައި ނެތްނަމަވެސް، އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ގާނޫނު އިސްލާހުކޮށްގެން އެކަމަށް މަގުފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރަކީ ފާއިތުވެދިޔަ ހަތަރު އަހަރާ އަޅާބަލާއިރުވެސް އެންމެ ގިނައިން މައްސަލަ ނުނިމި ހުރި އަހަރެވެ. މިގޮތުން 2022 ވަނަ އަހަރު ނުނިމި ހުރި 1،851 މައްސަލައާ އަޅާބަލާއިރު، 2023 ވަނަ އަހަރު ނުނިމިހުރި މައްސަލަތަކުގެ އަދަދު 2،064 އަށް އިތުރުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ފާހަގަކުރާގޮތުގައި މިހާ ގިނަ އަދަދެއްގެ މައްސަލަތައް ނުނިމި ލަސްވަމުންދަނީ އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ކޯޓުގައި ނެތުމުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *