މާލޭގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ގ. ރީތިމާގެއާގޭ އަބްދުﷲ އުދައްޔު (21 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މިއީ މާލޭގައި ދެ ގްރޫޕަކުން ސިލްސިލާ ގޮތެއްގައި ހިންގަމުންދާ މާރާމާރީތަކުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން މީހަކު މެރުމަށް ރާވަމުންދިޔަ މައްސަލައެކެވެ. ފުލުހުންގެ ތަހުގީގަށް އޭނާއަކީ މާރާމާރީ ހިންގާ ގްރޫޕަކަށް ނިސްބަތްވާ މީހެއްކަމާއި، އަދި އަނެއް ގްރޫޕްގެ މީހުން ހޯދުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހެއްކަން ވަނީ ފާހަގަކުރެވިފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އުދައްޔު ބުނެފައިވަނީ އޭނާގެ ހަމައެކަނި ކުށަކީ އެ މީހުން ދީފައިވާ ތަނެއްގައި ނިދަން އޮތުން ކަމަށެވެ. އަދި އެ މީހުންނަކީ ކޮން ބައެއްތޯ ސުވާލުކުރުމުން އޭނާގެ ބޭބެއެއްގެ ނަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އޭނާ އެ ބުނާ ތަނަކީ މާރާމާރީ ހިންގާ ގްރޫޕަކުން އެފަދަ ކަންކަން ރޭވުމަށާއި އެކަމަށް ބޭނުންވާ ތަކެތި ފޮރުވުމަށް ބޭނުންކުރާ ސޭފްހައުސްއެއްކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އުދައްޔުއަކީ މީގެ ކުރިންވެސް އެ ގްރޫޕްގެ މާރާމާރީއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 21 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.