ދުބާއީގައި ބޭއްވޭ "ވޯލްޑް ގަވަރމަންޓް ސަމިޓް" ގައި ބައިވެރިވެ ވަޑައިގަތުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު މިއަދު ދުބާއިއަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ސަމިޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިތުރު ދެ މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ވަޒީރު ހައިދަރު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމުގެ ސެޝަންތަކަށެވެ. މީގެ ތެރޭގައި ފަންނީ ކަންކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ޚާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީ ދުނިޔޭގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކޮންފަރެންސެއްކަން ފާހަގަކުރެއްވި ވަޒީރު، ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމާއި، ޚާއްސަކޮށް ތަޖުރިބާތައް ޙިއްސާކުރުމަށް ވަރަށް މުހިންމު ފުރުސަތުތަކެއް މި ސަމިޓުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.