ފާއިތުވި އަހަރު ޓޫރިޒަމް ސިނާއަތުން ލިބުނު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީގެ 83.6 އިންސައްތަ ހިއްސާއަކީ ރިސޯޓުތައް: މަޓީ

ފާއިތުވި އަހަރު ޓޫރިޒަމް ސިނާއަތުން ލިބުނު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީގެ 83.6 އިންސައްތަ ހިއްސާއަކީ ރިސޯޓުތައް: މަޓީ

Author
ހުސައިން
11 ފެބްރުއަރީ 2025 12:01
0

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާއިރު، އޭގެ ތެރެއިން 83.6 އިންސައްތަ ހިއްސާކުރަނީ ރިސޯޓުތަކުން ކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވުނު މަޓީގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޒީރު ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އައި ބޮޑެތި ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދާއި އެހެނިހެން މުހިންމު ސިނާއަތްތައް ވެސް ކުރިއަރާފައިވާ ކަމަށެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރު ކަމަށާއި، މިއީ އަހަރުން އަހަރަށް ބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އަހަރު ޖުމްލަ 11 މިލިއަން ބެޑް ނައިޓްސް ރެކޯޑުކުރެވި، ޖުމްލަ އޮކިއުޕެންސީ 71.2 އިންސައްތައިގައި ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތަށް މިދިޔަ އަހަރު ލިބުނު 28 ބިލިއަން ރުފިޔާގެ ތެރެއިން 15 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓޫރިޒަމް ސިނާއަތުންނެވެ. މީގެ ތެރޭގައި ޓޫރިޒަމް ޖީއެސްޓީން 620 މިލިއަން ޑޮލަރު، ލޭންޑް ރެންޓުން 123.6 މިލިއަން ޑޮލަރު، އަދި ގްރީން ޓެކުހުން 70.5 މިލިއަން ޑޮލަރު ހިމެނެއެވެ.

ނަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އަހަރަކު ރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ ތެޔޮ އެތެރެކުރެވޭއިރު، މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މި ކަމަށް ހައްލެއް ގެނައުމަށްޓަކައި ރިސޯޓުތަކުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތަށް މަޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.