ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 12،000 ރުފިޔާއިން މަތިން ލިބޭ މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރުމާމެދު މަޖިލީހުން ދެކޭގޮތް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން، ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިންވެސް 10 އިންސައްތަ އުނިކުރެއްވުމާމެދު މަޖިލީހުގެ ރައުޔު ހޯއްދެވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިފައެވެ. ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރެއްވުމާއި، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުން ހިމެނެއެވެ. އަދި މި ކުންފުނިތަކުގެ ވެރިންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ނަމަވެސް، މުސާރަ ކުޑަކުރުމަށް ނިންމަވާފައިވާ ދާއިރާތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.